އައްޑޫ މީދޫގެ މަޖުދުއްދީން މަގާއި ބަހާއުއްދީން މަގު ގުޅޭ ސަރަޙައްދު މަރާމާތުކުރުމުގެ މަސައްކަތަކީ އައްޑޫ މީދޫގެ މަގުތަކުގެ ހާލަތު ރަނގަޅުކޮށް، ދަތުރުފަތުރު ކުރާ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދެވުނު މަސައްކަތެކެވެ. މިގޮތުން މަޖުދުއްދީން މަގާއި ބަހާއުއްދީން މަގައި ގުޅޭ ޞަރަޙައްދުގައި ހުރި ވަޅުގަނޑުތައް އެއްވަރުކޮށް، އެ ޞަރަޙައްދުގައި ވަނީ ޕޭމަންޓް ގައު އަތުރާފައެވެ.
މި މަރާމާތުގެ މަސައްކަތްތައް ނިންމުމަށްފަހު، މިހާރު އެ ސަރަހައްދު ވަނީ އާންމު ދަތުރުފަތުރުތަކަށް ރަސްމީކޮށް ހުޅުވާލެވިފައެވެ. މި މަސައްކަތަކީ ކައުންސިލްގެ މުނިސިޕަލް ޕޫލްގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.
މި މަސައްކަތް ނިމުމާއެކު، އެ ޞަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި މިއީ ރަށުގެ އުމްރާނީ ތަރައްގީއަށާއި މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
